ބަޔަކު މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައިގައި ހިމެނޭ ރ. މަޑުއްވަރީ ސްކޫލް ޓީޗަރު މުއީން ހަސަން ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން މުއީން ސަސްޕެންޑް ކޮށްފައި ވަނީ މި ރޯދަ މަސް ފެށުނު ތަނާއެވެ. އަދި އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އިދާރީ ގޮތުން ބަލަމުންދާ މައްސަލައެއް ބަލައި ނިމެންދެން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ބަލަމުން ދަނީ ކޮން މައްސަލައެއް ކަން އެޑިއުކޭޝަން މިނިސްތްރީން ހާމައެއް ނުކުރެއެވެ.

ރ. އަތޮޅު ރަށެއްގައި 14 އަހަރުގެ އަނހެން ކުއްޖަކު ބަޔަކު ރޭޕް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާދިސާ މާޗް މަހުގެ 1 ވަނަ ދުވަހު ހިނގާފައި އޮއްވާ މައްސަލަ މާޗް 11 ގައި ރިޕޯޓް ކުރި ފަހުން އާއިލާއިން ތުހުމަތު ކުރާ މީހުން ހައްޔަރު ފުލުހުން ހައްޔަރު ނުކުރާތީ މަޑުއްވަރީގައި ވަނީ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެވުނު ނަމަވެސް މަޑުއްވަރީގައި އާންމުން ނުކުމެ ކުރި މުޒާހަރާ ތެރެއިން 10 މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކު ވެސް ހިމެނޭ ގޮތަށް ކަމަށް އާއިލާއިން ބުނެއެވެ. ޓީޗަރެއް ޝާމިލްވާ ކަމަށް ބުނާ މި މައްސަލައާ ގުޅިގެން އާންމުންގެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ. ކުޑަކުއްޖަކަށް ރައްކާތެރިކަން ދޭން ޖެހޭ ފަދަ މަގާމެއްގައި ތިބޭ ބަޔަކު ކުށެއް ކޮށް އެ ކުށުން ރެކިގެން ތިބެވުމަކީ މައްސަލައެއްގެ ގޮތުގައި ދެކި އެތައް ސިޔާސީ ބޭފުޅުން ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

މި މައްސަލަ ބަލައި ދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގަތުމާ އެކު މިހާރު މި މައްސަލަ އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއް ކަމަށްވާ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ބަލަމުންނެވެ. އެގޮތުން ޖެންޑާއާއި ފުލުހުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އަދި މި މައްސަލައިގައި ފުލުހެއް ޝަމިލް ވާ ކަމަށް ތުހުމަތު ކުރެވޭތީ އިންޓަގްރިޓީ ކޮމިޝަނުން ވެސް ވަނީ މައުލޫމާތު ސާފު ކޮށްފައެވެ.