އޫރިދޫއާއި އީކޯ އޯގް ގުޅިގެން 'ދަ އައިލެންޑް ސެޝަންސް' ގެ ނަމުގައި ޓޯކް ސީރީޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.
އޫރިދޫއިން ބުނީ އޮންލައިންކޮށް ބާއްވާ މި ސީރީޒްގެ މެއިން ސްޕޮންސާއަކީ އެކުންފުނި ކަމަށާ މިސީރީޒް ފަށާނީ އަންނަ މަހު ކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ވާޗުއަލްކޮށް ބޭއްވުމަށް ނިންމާފައިވާ މި ސީރީޒްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ފަންނީ މާހިރުން އަދި އެކި އެކި ދިރާސާ ކުރާ ފަރާތްތަކުން ތަޖުރިބާތައް ހިއްސާކޮށް ތަޤްރީރު ދެއްވާނެ ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ.
މި ޓޯކް ސީރިޒް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގައި ހުންނަ ޔޯ ސްޕޭސްގައި ކަމަށާ މި އިވެންޓް ހޯސްޓް ކުރާނީ ދަ އައިލެންޑް ލެބް ކަމަށް ވެސް އޫރިދޫއިން ވަނީ ބުނެފައެވެ.
އޫރިދޫއިން ބުނީ މި ސީރީޒްގައި އަލި އަޅުވާލާނެ މައުލޫތަކުގެ ތެރޭގައި ވިޔަފާރި ކުރިއެރުވުމާ، ދެމެހެއްޓެނިވި ތަރައްޤީ އަދި ޒަމާނީ ޓެކްނޮލިޖީ ހިމެނޭ ކަމަށާ މި ސީރިޒްގެ ތެރެއިން ވިޔަފާރި ފަށައިގަތުމާ، އުފެއްދުންތައް ފަރުމާކުރުމާ ތަރައްޤީ ކުރުމާ ގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
އޮންލައިންކޮށް ސްޓްރީމް ކުރާ 'ދަ އައިލެންޑް ސެޝަންސް' ކޮންމެ މީހަކަށް ވެސް ހިލޭ ބެލޭނެ ކަމަށް އޫރިދޫއިން ބުނެއެވެ.
މި ސީރީޒް ފަށާނީ އަންނަ މޭއި މަހުގެ 11 ވަނަ ދުވަހު ކަމަށާ އެދުވަހުގެ ސެޝަންގައި ހޮލީވުޑްގެ އެގްޒެކެޓިވް ޕްރޮޑިއުސަރު އަދި އިންވެސްޓްމަންޓް ބޭންކަރު ބިލް ލިސްޗާކް ވާހަކަ ދައްކާނެ ކަމަށް އޫރިދޫއިން ބުނެއެވެ. އަދި އޭނާ ވާހަކަ ދައްކާނީ މިހާރުގެ އިންވެސްޓްމަންޓްތައް ގެންދާ ގޮތްތަކާ ޕެންޑަމިކްއަށް ފަހު މުނިފޫހިފުލުވުމުގެ ދާއިރާގެ މުސްތަޤްބަލާ ބެހޭ ގޮތުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އިތުރު މައުލޫމާތު ހޯދުމަށް ދަ އައިލެންޑް ލެބް ގެ ވެބްސައިޓްއަށް ޒިޔާރަތްކޮށްލުމަށް އޫރިދޫއިން ވަނީ އެދިފައެވެ.