މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު މަނިކު (ލޯޖެހި އަހްމަދު މަނިކު) އަވަހާރަވެއްޖެއެވެ.

އަހްމަދު މަނިކު އަވާހަރަވެފައި ވަނީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އިރުއޮއްސުނު ވަގުތުގައެވެ.

ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އުމުރުން 80 އަހަރުގައެވެ.

ލޯޖެހި އަހްމަދު މަނިކަށް 2009 ވަނަ އަހަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި ފަރާތެކެވެ.

އޭގެ އިތުރުން ގަލޮޅު އަވަށުގެ ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވި ލޯޖެހި އަހްމަދު މަނިކަކީ އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ފަރާތެކެވެ.