ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދު އަލް ސަބާހް އާ ބައްދަލުކުރައްވައި ރައީސް އިބްރަހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް އަރުވައިފިއެވެ.
އެ ބައްދަލުވުމުގައި ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަގާފީ ގުޅުމެއްކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކާ ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސް ސޯލިހު އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރަށް ޝާހިދު ހިއްސާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިގްތިސާދު ހުޅުވާލާ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކަށް ތައުރީފް ކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވާ، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ދެގައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގްވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީގެ ސެކްރެޓަރީ- މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓާ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓާ އަހްމަދު ސަލްމާން ޒަކީ ކަމަށެވެ.