ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭ ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާއިރު، އެޑްރެސް ނޭނގޭ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ އިޖްރާއަތްތައް ހައިކޯޓުން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ، މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަން އެމީހަކަށް އެނގެންޏާ އޭނާގެ އެޑްރެސް ނުބުނާނެ ކަމަށާއި ދެން އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް އަމުރެއް ކޮށްގެން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަން އަމުރެއް ކުރެވިދާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ހައިކޯޓުގެ ގަވާއިދުގައި ވެސް އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް އުސޫލްތަކެއް ކަނޑައަޅަފައި އެބަހުރި ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެގޮތުން މީހާކު ކޯޓަށް ހާޒިރު ނުވެއްޖެއްޔާ އަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އަމުރު ނެރޭނެ ކަމަށާއި އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވިޔަސް މި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލައިގައި ހައިކޯޓުން އެ ގޮތަށް ކަން ކޮށްފައި ނެތްކަމަށް ފެނިވަޑައިގަތީ ހައިކޯޓުން މައްސަލަ ނިންމި އިރު ކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެންވެ ސުޕްރީމް ކޯޓަށް ހުށަހެޅީ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށްފަހު އެ އަމުރުގެ މައްސަލައަށް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަމުން ދަނިކޮށް އަލީ ވަހީދު އެދިވަޑައިގަތުމުން އޭނާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް އޭނާގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު މި މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ. އެ އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް އޭނާ ވަނީ ފުރާވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓުގެ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.