ދިވެހިރާއްޖެއާއެކު މުހިންމު އަދި ފުޅާ ދާއިރާތަކަކުން ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް އިނގިރޭސިވިލާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޑިޕާޓްމަންޓް ފޮ އިންޓަނޭޝަނަލް ޓްރޭޑްގެ ޕާލަމެންޓްރީ އަންޑާ ސެކްރެޓަރީ ރަނީލް ޖާޔަވަރުދަނާ ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރު އެންޑްރޫ ރޮސިންޑެލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޖާޔަވަރުދަނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ އިނގިރޭސިވިލާތަށް މުހިންމު ބައިވެރިއެއް ކަމަށާ، ދޭދޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރު ކުރާނެ ގޮތްތައް މިހާރުވެސް ހޯދާ، ބަލަމުން އަންނަ ކަމަށެވެ.
ދޭދޭ މަސްލަހަތު އެކުލެވޭ ދާއިރާތަކުން ގުޅުންތައް ބަދަހި ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަން ތަފްސީލު ކޮށްދެއްވަމުން ޖާޔަވަރުދަނާ ވިދާޅުވީ، ކާބޯތަކެއްޗާ، ދިފާއީ އަދި ތައުލީމާއި ސިއްހަތާ ފިޓްނަސް، ތިމާވެށީގެ ސައެންސް އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ހުރި ފުރުސަތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ވަކިން ހާއްސަކޮށް، މާލީ ހިދުމަތްތަކާ އުމްރާނީ ތަރައްގީގެ ރޮނގުން، ރާއްޖޭގައި ސާފު، އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ގްރީން ފައިނޭންސިންގް އެއީޑް ފޯރުކޮށްދިނުން ފަދަ ކަންކަން ކުރިއަށް ގެންދެވެން އޮތް ގޮތަށްވެސް ބަލަމުން އަންނަ ކަމަށް ޖާޔަވަރުދަނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރާއްޖެ ފޮރިން މިނިސްޓްރީ އާ ސުވާލު ކުރުމުން ބުނީ، ވިޔަފާރިއާ އިންވެސްޓްމަންޓް އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އިނގިރޭސިވިލާތާ އެހެނިހެންވެސް ބައިވެރިންނާ، ދިވެހި ސަރުކާރުގެ އޮފީސްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި ދާއިރާތަކަށް އާމާޒު ކޮށްގެން މިހާރުވެސް ގިނަ އަދަދެއްގެ ވެބިނާތަކެއް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީއިން މައުލުމާތު ދެއެވެ.
އިތުރު ތަފްސީލު ފޯރުކޮށްދެމުން ފޮރިން މިނިސްޓްރީއިން ބުނީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ ކަނޑުމަހުން ނަގާ 20 ޕަސެންޓް ޓެރިފް ކުޑަކުރުމަށް ނުވާތަ އެއްކޮށް އުވާލުމަށް، އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާއެކު ދިވެހި ހައިކޮމިޝަނުން މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިކަން ކާމިޔާބު ވުމާއެކު، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އިތުރަށް ތަނަވަސްވެގެންދާނެއެވެ.