ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު އެހެން ވިދާޅުވީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ވާކަމަށް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.

އެގޮތުން މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަގްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

މައުމޫނުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓު ކުރައްވާފައެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންތިހާބީ ކަންކަމުން ނަޒަރު ދުރުކުރުމަށް، އެހެންކަމަކަށް އަމާޒުހިފާ އެހެން ވާހަކައެއް ދެއްކުމަކީ އިންތިހާބުތަށް ބޯމަތިވުމުން ސިޔާސީ ބައެއް މީހުންކުރާ ކަމެއް ކަމަށެވެ. އަދި އެ ޒުވާބެއްގާ މީހުން ތާށިކޮށްފާ، ވޯޓުފޮށި ހިލާ ލުމަކީ ކުރިން 30 ހަކަށް އަހަރުވެސް ކުޅުނު ކުޅިއެއް ކަމަށް ރީކޯ މޫސާ ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.