މެދު ރާއްޖެ ތެރޭގެ ރަށެއްގައި ބަޔަކު މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލަ މަޖިލީހުން ބަލަމުންދާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވާ ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއް ކަމަށްވާ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ބަލަމުންދާ ކަމަށެވެ.

އެގޮތުން އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާ، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ކުއްޖާގެ އާއިލާއާ އެ އާއިލާއިން ކަނޑައަޅާފައިވާ ގާނޫނީ ވަކީލާ މަޖިލީހުގެ ކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލާގައި ފުލުހަކު ޝާމިލުވާކަމަށް ތުހުމަތުވެފައިވާތީ އެކަމާ ގުޅިގެން އިންޓަގްރިޓީ ކޮމިޝަނުން މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި އެ ކޮމިޝަނުން އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މަޑުއްވަރީގައި ހަމަނުޖެހުން ހިންގާފައި ވަނީ ރ. އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެ ތަހުގީގު މަރުހަލާ ލަސްވެގެން ދާތީ ކަމަށް އެ ރަށު މީހުން ބުނެއެވެ. އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކު ވެސް ހިމެނޭ ގޮތަށް ކަމަށް އާއިލާއިން ބުނެއެވެ.

14 އަހަރު ކުއްޖަކު ރޭޕްކޮށްލި ކަމަށް ބުނާ މައްސަލައާ ގުޅިގެން މަޑުއްވަރީ ރައްޔިތުން ނުކުމެ ފުލުހުންގެ އިދާރާ ކައިރީގައި މުޒާހަރާ ކޮށްފައިވާ އިރު އެތަނުގެ ނަން ބޯޑު އަދި އިމާރާތަށް ބައެއް ގެއްލުން ލިބިފައި ވެއެވެ. އަދި އެ މުޒާހާރާއާ ގުޅިިގެން ފުލުހުން ބުނެފައި ވަނީ މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. މި މައްސަލައިގައި މުޒާހަރާގައި އުޅުނު 10 މީހަކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައެވެ.