ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުވައިތަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރީން ބުނީ އެ ދަތުރުގައި ކުވައިތުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް އަލް ޖާބިރު އަލް ސަބާހް އާއި އެގައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުންނާއި ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓާ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރު އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވައެވެ.

ކުވެއިތު ދަތުރުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ އަށްވެސް ރަސްމީ ދަތުރެއް ކުރައްވައިފައެވެ.