ޕާކިސްތާނުގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޕާޓީއަކުން ރަހީނުކުރި އެ ގައުމުގެ ފުލުހުންގެ 11 އޮފިސަރަކު ދޫކޮށްލައިފިއެވެ.

ތަހްރީބީ ލައްބައިކު ޕާކިސްތާން (ޓީއެލްޕީ) އިން، ޕާކިސްތާން ފުލުހުންގެ 11 އޮފިސަރަކު ރަހީނުކުރީ، ޕާކިސްތާނުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު، އެ ގައުމުން ބޭރުކޮށްލުމަށް ޝަރުތުކޮށެވެ.

ޓީއެލްޕީގެ ދަށަށް 11 އޮފިސަރަކު ގެންދިޔައީ، އާދީއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުގެ އިތުރުން، ޕާކިސްތާން ފުލުހުންގެ ފަރާތުން ނުރަސްމީ ސިފައެއްގައި ލިބުނު ކަށަވަރު މައުލޫމާތަށް ރިއާޔަތް ކޮށް، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ފުލުސް އޮފިސަރުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އޮފިސަރުންގެ ބޮލުގައި ބެންޑޭޖު އޮޅާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާންގެ ދާހިލީ ވަޒީރު، ޝެއިހް ރާޝިދު އަހުމަދު ވިދާޅުވީ، ފުލުސް އޮފިސަރުން މިނިވަން ކޮށްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާ، އޮފިސަރުން މިނިވަން ކޮށްފައި ވަނީ، ޓީއެލްޕީއާއެކު ކުރިއަށް ގެންދިޔަ "މަޝްވަރާ" ތަކަކަށް ފަހުގައި ކަމަށެވެ.

ކުރިއަށް ދިޔައީ ފުރަތަމަ ބުރުގެ މަޝްވަރާތައް ކަމަށާ، މިއަދުގެ ފަހުގެ ވަގުތެއްގައި ދެވަނަ ބުރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ދެވަނަ ބުރުގެ މަޝްވަރާތަކުގެ މައުލޫއަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން، ހުސްވި ހަފުތާގައިވަނީ ޓީއެލްޕީއަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް ކަނޑައަޅާ، އެ ޕާޓީ ހިންގުން މަނާ ކޮށްފައެވެ.

ޓީއެލްޕީއިން މީގެ ކުރިން ވަނީ، ފަރަންސޭސި ސަފީރު އެ ގައުމުން ބޭރު ކުރުމުގެ ސުންގަޑިއަކަށް އޭޕްރިލް 20 ވަނަ ދުވަސް ދީފައެވެ.

މި ދަނޑިވަޅަކީ ފަރަންސޭސިވިލާތާ ދެކޮޅަށް، ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެކެވެ. މި މުޒާހަރާތަކަކީ، ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް، ފަރަންސޭރި މަޖައްލާއަކުން ދެވަނަ ފަހަރަށްވެސް ކާޓޫންތަކެއް ޝާއިއު ކުރި ކުރުމުގެ ދިފާއުގައި ފަރަންސޭސި ރައީސް، އިމެނުއަލް މެކަޣޯން ތެދުވެވުމުން، އެކަމާ ދެކޮޅަށް ކުރާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.