މާލޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ބަންދުގެ މުއްދަތު 5 ދުވަހަށް ޖަހައިފިއެވެ.

މިމަހު 16 ވަނަ ދުވަހު މާލޭގައި 2 މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު އެމައްސަލާގައި 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭޕް ކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު މިދިޔަ މަހު މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މާޗް މަހުގެ ތިން ވަނަ ދުވަހު، 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މާޗް މަހުގެ 11 ވަނަ ދުވަހެވެ. އެ މައްސަލައިގެ ތުހުމަތު ކުރަނީ އެ ރަށު ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު ބަޔަކަށެވެ. އާއިލާ އިން ތުހުމަތު ކުރަނީ އެ ކުއްޖާ ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށެވެ.