ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފުވައްމުލަކު ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްލް) އިން ބުނީ، އެއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީ އަށް ވަނީ އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށް ވުރެ ގިނަ ފޮތް ހަދިޔާ ކޮށްފައި ކަމަށެވެ. އެގޮތުން އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް އިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިމެނެއެވެ. އަދި އެ ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައި ކަމަށް ވެސް ބިއެމްއެލުން ބުނެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފާތިމަތު ރަޝީދު ބުނީ، އެ ރަށުގައި 2464 ދަރިވަރުން ދަނީ އެކި ގްރޭޑް ތަކުގައި ކިޔަވަމުން ކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައި ވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށާއި އެ ރަށުގައި ލައިބްރަރީ އެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު މިވަނީ ނުލިބި ކަމަށް އޭނާ ބުނެއެވެ. އެހެން ކަމުން އޭނާގެ އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށް ވެސް ފަހިކޮށްދިނުން ކަމަށް ފާތުމަތު ރަޝީދާ ބުނެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.