ބ. މާޅޮހުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި އެ ރަށް މޮނިޓަރިންއަށް ބަދަލުކޮށްފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއެއިން އިން ބުނީ، އެ ރަށުން ޕޮޒިޓިވްވެފައި ވަނީ އެ ރަށުގައި ހުރި ގެސްޓް ހައުސް އަކަށް ޒިޔާރަތް ކުރި ދެ ފަތުރުވެރިން ކަމަށެވެ. އަދި މިހާރު ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރަށަށް އަރާ ފޭބުން މަނާ ކޮށްފައި މި ވަނީ ކޮންޓެކްޓް ޓްރޭސް ކޮށް ނިމެން ދެން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

އެގޮތުން މިހާރު ތ. އަތޮޅުގެ 6 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. އެއީ ވޭމަންޑޫ، ވިލުފުށި، ކިނބިދޫ، އޮމަދޫ، މަޑިފުށި އަދި ގާދިއްފުއްޓެވެ.

ތ އަތޮޅުގެ ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލާފައި ވަނީ އެ އަތޮޅުގައި ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެންނެއެވެ. އެގޮތުން، މާޗް 15 ވަނަ ދުވަހުގެ ފަހުން ތ. ވޭމަންޑޫގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާ ނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އަންގާ ޓެސްޓު ހެއްދުމަށް މިދިޔަ ހަފްތާ ތެރޭގައި އެޗްޕީއޭއިން ވަނީ އަންގާފައެވެ.