އޮއްސެމުންއައި އިރާއެކު އިރުގެ ދޯދިތައް ގެއްލެމުން ދިޔައީ ރޭގަނޑުގެ ކަނު އަނދިރިކަމަށް ތަންދެމުންނެވެ. ކަނޑުން ނަގަމުންއައި ރާޅުތައް ހުދު ބޯކިރުފޮދެއްފަދަ ހުދު ދޮންވެލިގަނޑުގައި ލުއިލުއިކޮށް ބޮސްދެމުންދިޔަ މަންޒަރު ބަލަން އިނދެފައި މައުސޫމްކަމުން ފުރިފައިވާ އެބޮޑު ދެލޮލުން އައިސްފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފުހެލަމުން މެހެކް ތެދުވީ އޭނާގެ މަންމަ ހައިލާގެ ގާތަށް އަވަހަށް ގެއަށް ދިޔުމަށެވެ. އެދޮންކުޑަވަށް މޫނުކޮޅުގައި މޭކަޕްގެ ކުޑަ މިންވަރެއްނެތް ނަމަވެސްވަނީ ފުރިހަމަކަމެވެ. ގެއްލިފައިވަނީ ހަމައެކަނި އުފާވެރިކަމާއި ތާޒާކަމެވެ. މެހެކްގެ ދެވަނައެއްނުވާ ފަން އިސްތަށިގަނޑު ފަހަތަށްވާގޮތަށް އައްސާލައިފައި ވީއިރު މެހެކްގެ ދޮން ކަނދުރާވީ ހާމައަށެވެ. ލައިފައިހުރި ދޫ ކުރުތާ ހެދުމުން ދައްކައިދެނީ މެހެކްގެ ސާދާކަމެވެ. ގެއަށް ވަދެގެންއައި މެހެކް މަންމައަށް ގޮވަމުން މިސްރާބުޖެހީ މެހެކްއާއި ހައިލާ ދިރިއުޅެމުން އަންނަ ކުޑަ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަން އިރު ފާރުކައިރިއިން ރޯނު އެނދުގައި މެހެކްއަށް ފުރަގަސްދީގެން އަރިއަކަށް ހައިލާ އޮތެވެ.
"މަންމާ! ބަންގި ގޮވަނީ" ހައިލާގެ ކޮނޑުގައި ކުޑަކޮށް ކޮށްޓާލަމުން މެހެކް ބުންޏެވެ. މެހެކްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލީ ހައިލާގެ ހަށިގަނޑު އެއްވެސް ހަރަކާތެއްނެތި ހިމޭންވެފައި އޮތުމުންނެވެ. މެހެކްގެ ފައިދަށުން ބިންގަނޑު ކެހިގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހިތްހުއްޓުނުހެން ހީވިއެވެ. މޭ ފިތިގެން ދިޔަހެން ހީވެއެވެ. މެހެކްއަށް ކުރެވެމުން މިދާ އިހުސާސްތައް ގަލަމަކުން ބަޔާން ކުރެވޭ ވަރަށް ވުރެ މާ ފުނެވެ. ދެލޯފުރި ކަރުނަތައް ފައިބައިގަތެވެ. މެހެކްއަށް ފެނުނީ މެހެކް ދޫކޮށް މެހެކްގެ މަންމަ މިދުނިޔެ ދޫކޮއްފައިވާ މަންޒަރެވެ. މެހެކްގެ އުމުރުން އެންމެ ދެއަހަރުގައި މެހެކްގެ ބައްޕަ ނައުފަލްވެސް ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. ހިތްހަމަޖެހުމާއި އުފާވެރި އެ ކުޑަ އާއިލާގެ އުފާވެރިކަމަށް ނިމުމެއް ގެނެސްފައެވެ. އޭގެފަހުން މެހެކްއަށް މެހެކްގެ މަންމައަކީ އޭނާގެ ދިރުއުޅުމެވެ. މެހެކް ދިރިހުރުމުގެ މަގްސަދެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. ހައިލާ ދިޔުމުން މެހެކް މުޅި ދުނިޔެއަށް ބާކީވެ ދިރިހުރުމުގެ ހުރިހާ އުންމީދެއް ގެއްލި އެކަނިވީއެވެ.
މެހެކް އެކަނިމާއެކަނި މެހެކްއާއި ހައިލާ ދިރިއުޅުނު ކުޑަ ގޭގައި ދިރިއުޅެމުން ދާތީ ހުރިހާ ފާޑުކިޔުމެއް އަމާޒުވީ މެހެކްގެ ބޮޑުދައިތަ ސަމީރާއަށެވެ. މެހެކްގެ އާއިލާ މީހަކު ހުރެމެ މެހެކްއަށް އަޅާނުލާތީއެވެ. މެހެކްގެ ބަނޑުފުރާ މުއްތިކޮއްލާނޭ ކާއެތިކޮޅެއްވެސް އެކުއްޖާއަށް ދިއްކޮށް ނުލާތީއެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން އާއިލާތެރޭ ޖެހުނު މައްސަލައެއްގައި ސަމީރާ ވަނީ އޭނާގެ ކޮއްކޮ ހައިލާއާއި ގުޅުން ކަނޑާލާފައެވެ. އެދުވަހު އޭނާވަނީ އޭނާގެ ކޮއްކޮއެއް ދެނެއް ނުހުންނާނޭ ކަމަށް ބުނެފައެވެ. ހައިލާ ވީ އޭނާއަށް މަރުވެފާކަމަށެވެ. ހައިލާ ދެކެ ސަމީރާ މިއަންނަ އަލިފާން ކަހަލަ ރުޅި މެހެކް ދެކެވެސް ސަމީރާ އާދެއެވެ. ނަމަވެސް އޭނާގެ ބެލުމުގެދަށަށް މެހެކް ގެނައީ ރަށުތެރޭ އޭނާގެ އަގު ވެއްޔާ މޮޑެވިގެން ހިގައިދާނެތީއެވެ. އެއީ ރަށު މީހުންގެ ލޮލުގައި ސަމީރާ އަޅުވާލި އަނދުނެކެވެ.
"މެހެކް! މެހެކް! އޭތް ބަލަ މިހާރު އެއޮއް ހަ ގަޑި ބައިވަނީއޭ. ކަލޭ ކައިރި މަ ނުބުނަންތަ ހައެއް ޖަހަން ވާއިރަށް ހުންނަން ޖެހޭނީ މަގުމަތި ކުނިކަހާފައޭ. މި ދޮރު ހުޅުވަބަލަ ނުނީ މަގޭ ބާރުގަ ހުޅުވަންވީތަ؟" ސަމީރާ ބާރުބާރަށް މެހެކްގެ ކޮޓަރި ދޮރުގައި ތަޅަމުން ރުޅިވެރިކަމާއެކު ކިޔަމުން ދިޔައެވެ. މަންމައެއްގެ ލޯބިން މަހުރޫމުވެފައި ވީއިރު އެކުއްޖާގެ ހިތަށް ކުރާނެ އަސަރު ސަމީރާއަށް ނުވިސްނޭ ކަހަލައެވެ. އެ ނާޒުކު ހިތް މަންމައެއްގެ ލޯތްބަށް އެދި ރޯނޭވަރު ނުވިސްނޭ ކަހަލައެވެ. މޫނުމަތި ފުހެމުން އަވަސް އަވަހަށް ދޮރުހުޅުވާލި މެހެކްގެ ކޯތާފަތް މަތީގައި ސަމީރާ ޖެހިލެއް ބާރުކަމުން މީހާގެ ހަމަ ގެއްލި މެހެކް ތަޅުންގަނޑުމައްޗަށް ވެއްޓުނީ ނުހަނު ބާރަށެވެ. މެހެކްގެ އަތުގެ ކުޑަހުޅާއި ހިސާބުގައި ހިފަހައްޓައިގެން ހުރެ މެހެކް ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް ސަމީރާ ދިޔައީ ބަދިގެއަށެވެ. މެހެކްގެ އަތުން ސަމީރާ ދޫކޮށްލި އިރު މެހެކްގެ އަތުގައި އޭނާ ހިފެހެއްޓިތަން ރަތްވެ ވަރުނަގާފައި ހުއްޓެވެ.
"ހުރެބަލަ.. ކަލެއަށް އަދަބު ދޭނަން މިއަދު" މިހެން ބުނެ ހޫނު ކޮއްފައި އޮތް ދޭފަތް ނަގާ މެހެކް އަތުގައި ޖެއްސިއެވެ. "އާ. މަންމާ" މެހެކްއަށް ހަޅޭއްލަވައިގަނެވުނީ ވީ ތަދުންނެވެ. "ކޮން ހަޅޭކެއް ލަވާކަށް.. ކިތަންމެ ވަރަށް ގޮވިއަސް ކަލޭ މަންމައެއް ނާންނާނެ.. ހިތަށް އަރާ ކަލޭ މަންމަ އޮތް ތަނަށް ކަލޭވެސް ދާނެ ނަމައޭ" ސަމީރާ ބުނެލި ބަސްތައް ރުވާފައި ދޫކޮއްލި ތީރެންހެން މެހެކްގެ ހިތަށް ވާސިލްވެ މެހެކްގެ ހިތުގައި އިތުރަށްޖެހި ރޮވުނެވެ. ވޭނީ ރުއިމެއްގެ އަޑު ބަދިގެ ތެރޭގައި އެއްއަޑަކަށް ހަރުލާފައި ހުއްޓެވެ.
"ކާކަށް ދައްކަން ތިރޮނީ.. ކަލޭ ދައްކާ ތުއި ބަލާކަށް މީހަކު ނޫޅޭ ހަމަ މިހާރު ދޭ މަގުމަތި ކުނިކަހާފަ ރޮށި ފިހަން އަންނަން.. ރަނގަޅަށް ކަންތައް ކުރާނަމަ އަދަބު ދޭކަށް ނުޖޭހޭނެ ދޯ" ރޮވިގެން ގޮސް ގިސްލެވިފައި އިން މެހެކްއަށް ބަލާލަމުން ސަމީރާ މިހެން ބުނިއިރު މެހެކް ކިތަންމެ ރަނގަޅަށް ސަމީރާ ހިތްއެދޭގޮތަށް ކަންތައް ކޮށްދިނަސް އަނިޔާ ނުލިބޭ ދުވަހެއް ނުދެއެވެ. މެހެކްއަށް އެއްޗެހި ނުކިޔާ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ. މެހެކްގެ ގައގައި ތަންތަން ރަތްވެ، ނޫވެ، ދުޅަވެފައި އަބަދުވެސް ހުރުމަކީ އާންމުކަމެކެވެ. މިހާރުވެސް މެހެކްގެ ހަށިގަނޑުގައި ވޭންނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ.
އިރުއޮއްސެމުން އައިއިރު އަނދުން ކުލައިގެ ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކާލައިފިއެވެ. ފަރުބަދަ ފަޅި ތަކެއް ވަރު ވާ ބޮޑެތި ވިލާގަނޑުތައް އައިސް އިރު ނިވާކޮއްލައިފިއެވެ. ދެންމެ އަކާ ޖެހެންދެން އުޑުގައި ރަނިކަން ކުރަމުން ދިޔަ ދުވާލުގެ ރާނީ މަޤާމުން ބޭރުކޮށްލައިފިއެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަހުރޫމުވެ އަނދިރިކަމުގެ ސާލެއް އޮޅާލި އިރު އަނދިރިކަމުން ރޭގަނޑެކޭ އެއްފަދަވިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައިރު ގަސްތަށް ވަޔާ ހޫރެމުން ދިޔައީ މާހައުލު ހަލަބޮލި ކުރުވަމުންނެވެ.
"މެހެކް މަ މިއަހަނީ ކޮބާހޭ މިތާ އޮތް ފަސްސަތޭކަ ރުފިޔާ.. ހަމަ މިހާރު ގެނޭ އެ މަ ދެކުނީމޭ ކަލޭ އެ ނަގަނިކޮށް އަދި ދޮގެކޭ ކިޔާ މަ ކުރިމަތީ ހޭރެއެންނު އެބަ" މެހެކް ނުކުރާ ކުށެއްގެ ދޮގު ތުހުމަތު މެހެކްގެ ބޮލުގައި ސަމީރާ އަޅުވާލީ މެހެކް އެގެއިން ބޭރުކޮށްލަން ބަހަނާއެއް ހޯދަމުންނެވެ. "ދައްތާ އަޅުގަނޑު ދޮގެއް ނަހަދަން އަޅުގަނޑު ތިބުނާ ރުފިޔާއެއް ނުވެސް ދެކެން.. ދައްތާ ތަދުވޭ.." ދޫކޮއްލެވިފައިވާ މެހެކްގެ ދިގު އިސްތަށިގަނޑު ސަމީރާގެ އަތަށް އޮޅާލާ ބާރު ކޮށްލުމުން މެހެކް އަށް ރޮއެ ގަނެވުނެވެ. "މަށަށް އިނގޭ ކަލޭކަން އެ ނަގާނީ.. ހޫން ހެވޭ ތަދުވިޔަސް ކިތަންމެ ބާރަށް ރޮވުނަސް.. ކަލެއަކަށް ދެނެއް މިގެއަކު ނުހުރެވޭނެ" ދޮރުން ބޭރަށް ސަމީރާ މެހެކް ކޮއްޕާލީ ވެހެމުން ދިޔަ ބޯވާރޭއަށްވެސް ބެލުމެއްނެތިއެވެ. ކަށިތައް ތޮރުފާލާފަދަ ފިނިކަމެއް މާހައުލުގައި ވިއެވެ. ސަމީރާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީއެވެ.
ޖަހާލާ ބާރު ބާރު ގުގުރީގެ އަޑު ކަންފަތަށް އިވިލަނީ ނުހަނު ބިރުވެރިކޮށް ހިތްތަށް ބިރުން ވިރުވާލާފަދަ އަކުން ނެވެ. ވިދާލާ ވިދުވަރުގެ އަލިން މުޅި ކައުނު އަލި ކޮއްލައެވެ. ވެހެމުން ދިޔަ ބޯވަރޭގައި ރާދިން ބޭރަށް ނިކުންނަން ޖެހުނީ ކޮންމެހެންވެސް ފިހާރައަކަށް ދާން ޖެހިގެންނެވެ. އޭނާއަކީ ވިޔަފާރި ކަމަކު މިރަށަށް އައިސް އުޅޭ ބީރައްޓެސެކެވެ. އެ އަނދިރީތެރޭ ރާދިން ހިނގަމުން ދިޔައިރު ވާރޭގެ އަޑާ އެކުވެގެން ފަނޑުކޮށް ނަމަވެސް ކުއްޖެއްގެ ގިސްލުމުގެ އަޑު އިވޭހެން ހީވެ އަޑު އަންނަ ދިމާލަށް މިސްރާބު ބަދަލުކޮށްލެވުނީ އެއްވެސް އިހުތިޔާރެއް ނެތިއެވެ. ގެއެއްގެ ފާރު ބުޑަށް ބިތްޖެހިފައި ކަހަލަ ގޮތަކަށް އިން އަންހެން ކުއްޖާ ފެނި އެކުއްޖާ ގާތަށް ރާދިން އަށް ދެވުނީ ނުހަނު ހަލުވިކަމާއެކުއެވެ.
"ކޮއްކޯ.. ދަރިފުޅާ ކިހިނެތްވެފަ ތިއިނީ.. މީތަ ގެ؟ އަވަހަށް ވަންނަން އާދޭ." ފިނިވެގެން ރޫރު އަޅަމުން ދިޔަ މެހެކްގެ ކޮނޑުގައި އަތްޖައްސާލަމުން ރާދިން ބުނެލީ އޯގާތެރި އަޑަކުންނެވެ. ރާދިންއާއި އޭނާގެ އަނބިމީހާ މިންނާ އަކީ ދަރިން ނުލިބޭ ދެމަފިރިން ކަމުން އެދެމަފިރިންގެ ހިތުގައި ކުޑަކުދިންނަށްޓަކައި ހާއްސާ ލޯތްބެއް ވެއެވެ. ރާދިން ވާހަކަ ދެއްކި ގޮތުން އެވަގުތުކޮޅުވެސް މެހެކްގެ ބައްޕަ ހުރިނަމަ ހަމަ އެހާ ރަނގަޅުވާނެބާއޭ ހިތަށް އެރިއެވެ. އިހުތިޔާރުން ބޭރުގައި މެހެކްގެ ހިތް ރާދިންގެ ކުރިމަތި ބަންޑުން ކޮއްލެވުނެވެ. ރާދިންގެ ހިތް މެހެކްއަށްޓަކައި ހަމްދަރުދީ އިން ފުރުނެވެ.
"މަންމާ، ބައްޕާ" އެއާޕޯޓުތެރޭގައި ތިބި ރާދިންއާއި މިންނާ ފެނި މެހެކް ބާރަށް ގޮވާލައި އެމީހުންގެ ގާތަށް ދުވެލައިފައި އައިސް ބާރަށް ބައްދާލިއެވެ. ފަސް އަހަރު މެލޭޝިއާގައި ހޭދަކޮއްފައި މެހެކް ޑޮކްޓަރަކަށް ވެގެން އެއައީ އޭނާގެ އަމިއްލަ ވަޒަނަށް އޭނާގެ މައިންބަފައިންގެ ގާތަށެވެ. އެދުވަހު ރާދިން މެހެކް މާލެ ގެނެސް ރާދިންއާއި މިންނާ މެހެކް ބެލީ އަމިއްލަ ދަރިއަކަށްވެސް ނުދެވޭނެ ވަރަށް ލޯބި ދީގެންނެވެ. މެހެކްއަށް އެއްވެސް ވަރަކަށް އޭނާގެ ހަގީގީ މައިންބަފައިން ނެތްކަމުގެ އިހުސާސެއް ނުކުރެވެއެވެ. މެހެކް ރާދިންއާއި މިންނާއަށް މަންމާއޭ ބައްޕާއޭ ކިޔާ ގޮވާލަނީ ފަހުވެރި ކަމާއެކުއެވެ. އަމިއްލަ ނަސީބާ މެދު ޝުކުރުވެރިވާ ހާލުއެވެ.
"މަމް، ޑޭޑް.. މަންއާ ޑޭޑްގެ ސަބަބުން މިއަދު އަޅުގަނޑުގެ މުޅި ހަޔާތް ބަދަލު ވެއްޖެ.. ތެންކިއު" ހިނިތުންވެލަމުން އަނެއްކާވެސް ލޯބިން މެހެކްގެ މައިންބަފައިންގެ ގައިގައި ބައްދާލިއެވެ.