ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ފިޔަވަޅު އަޅާނެކަމުގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު 4/93ގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމުގަވާއިދު (ގަވާއިދު ނަންބަރު 75-R/2020 ) ގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާއާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާ ކަމަށް އީޕީއޭން ބުނެއެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ ސަރަހައްދުތަކަކީ އެސަރަހައްދުގެ ދިރުންތަކާއި މާހައުލުތައް ރައްކާތެރިކުރުމާއި އެކު އެސަރަޙައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި އެކު ރައްކާތެރިކުރުމަށް ހިމާޔަތްކުރެވޭ ސަރަހައްދުތަކެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
އަދި މިފަދަ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިގްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއް ކަން އެއެޖެންސީން ވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ ސަރަހައްދުތަކަކީ އެސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެކެވެ.
ނަމަވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާ ކަމީ ކަންބޮޑުވާކަމެއް ކަމަށް އީޕީއޭން ބުނެއެވެ.
އެގޮތުން، ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައް ލިބެމުންދާ ކަމަށާއި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ގާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭން ބުނެއެވެ.