ހުޅުމާލެ މާސްޓާ ޕްލޭނަށް އެމެރިކާގެ އެވޯޑެއް ލިބިއްޖެއެވެ.
ހުޅުމާލެ ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ތަރައްގީކުރަމުން އަންނަ ހުޅުމާލޭގެ މަޝްރޫއުއަށް ބައިނަލްއަގުވާމީ ގޮތުން ގިނަ އިނާމްތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ)ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗާ ދާއިރާއިން ދެމުން ގެންދާ ދަ އާކިޓެކްޗާ މާސްޓަރ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗާ / އާބަން ޕްލޭނިންގެ އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭންއަށް ލިބިފައިވާ ކަމަށެވެ.
އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަރ އަދި އަރބަން ޕްލޭނިން ރޮނގުން ފާހަގަކުރެވޭ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ މަޝްރޫއުތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކޮށްފައެވެ.
ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ޙިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ 20 އަހަރުގެ ތާރީޙުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ރައީސް ޔާމީން ކޮއްދެއްވާފަ ހުރި ކަންތައްތައް މި ފެންނަނީ ޝުކްރިއްޔާ ރ ޔާމީން