ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާފާންނު އުތުރު ދާއިރާ އެމްޑީޕީއަށް ގެއްލުނީއެ ދާއިރާގައި ނޫޅޭ ނަމަވެސް ދަފްތަރުގައި ތިބި ބަޔަކު ވޯޓުލުމާ ގުޅިގެން ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒް ނިސްބަތްވާ ދާއިރާގެ މާލޭ ސިޓީ ކައުންސިލްގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެވެ. އެ ގޮނޑި ގެއްލުނު ސަބަބެއްގެ ގޮތުގައި އިމްތިޔާޒް ވިދާޅުވީ، އިންތިހާބާ ދިމާކޮށް ދަފުތަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ ފަރާތްތަކަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރި ނޫޅޭ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންތިހާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ. އެއީ ވިސްނާލަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. މި ދަފުތަރު އަޅުގަނޑުމެންގެ ދާއިރާގައި ވޯޓު މިފަހަރު ޑިސައިޑްކޮށްފައި ވަނީ."
އިމްތިޔާޒް ފަހުމީ

އެ ދާއިރާގައި ނޫޅޭ ބަޔަކު އިންތިހާބާ ދިމާކޮށް އައިސް އެ ދާއިރާއަށް ވޯޓުލާފައިވާ ކަަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެ އެހެންކަމުން އެކަމީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި އިމްތިޔާޒް ފަހުމީ ފާހަގަ ކުރެއްވިއެވެ. ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް ވޯޓާ މެދު ގޮތެއް ނިންމުމަށް ފުރުސަތު ލިބުނީ ކިހިނެއްތޯ ވިދާޅުވެ އިމްތިޔާޒު ސުވާލު އުފެއްދެވިއެވެ.

ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ ގޮނޑިއާއެކު 13 ގޮނޑިއެއް ވަނީ އިދިކޮޅު ޕީޕީއެމުން ކާމިޔާބު ކޮށްފައެވެ. އަދި ޖޭޕީން ވަނީ އެއް ގޮނޑި ކާމިޔާބު ކޮށްފައެވެ. ކުރިން އެމްޑީޕީން މާލެ ސިޓީ ކައުންސިލް ކަމުން މެޖޯރިޓީ ނަގަމުން އައި ނަމަވެސް މިފަހަރު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 5 ގޮނޑިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ މި ނަތިޖާއާ އެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 4 ފޮއްޓެއްގެ ވޯޓުތައް އަލުން ގުނައިދިނުމަށް އެދިވަޑައިގެންފައެވެ. އެ 4 ދާއިރާއަކީ ޓީ.3، ޓީ.4، ޓީ.10 އަދި ޓީ.15 ކަމަށާއި އޭގެ ތެރެއިން ޓީ.3 ގެ ގޮނޑީގައި އިދިކޮޅު ފަރާތްތަކާއި ޕީޕީއެމާއި އެމްޑީޕީގެ މެދުގައި އޮތީ ވަރަށް ކުޑަ ތަފާތެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ ދެން އަލުން ގުނައި ދިނުމަށް އެމްޑީޕީން އެދިފައިވާ ދާއިރާތަކުގައި ވެސް އެމްޑީޕީއާ ވާދަވެރިންގެ މެދުގައި އޮތް ތަފާތު ވެސް ވަރަށް ކުޑަ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝިދު އަލުން ވޯޓު ގުނަން އެދިވަޑައިގެތަ ދާއިރާ ތަކަކީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި އުތުރު އަދި މާފަންނު އުތުރު ދާއިރާއެވެ. މާފަންނު އުތުރު ދާއިރާއަކީ އިމްތިޔާޒް ފަހުމީގެ ދާއިރާއެވެ.