އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އެމަނިކުފާނަށް ދެރަގޮތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށާއި އިދިކޮޅު ސިޔާސީ ދެޕާޓީގެ ލީޑަރުންނާ މީގެ ދެތިން ދުވަސް ކުރިން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބޭފުޅުންގެ އެންމެ ބޮޑު އެއް އެދިވަޑައިގަތުމަކީ ރައީސް ޔާމީނަށް ލުޔެއް ހޯދައި ދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އަށް ލިބިވަޑައިގެން ސިޓީފުޅުގައި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅުގެ ބައެއް ވާހަކަތައް ހިއްސާކުރައްވާފައިވާ ކަަމަށާއި އަދި ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް އެދިވަޑައިގެންފައިވާ ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން އެކަމާ ގުޅިގެން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.