ގައުމުން ބޭރުގައި މަސައްކަތް ކުރާ މީހުން ގައުމަށް ފޮނުވާ ފައިސާ، ނުވަތަ ރެމިޓަންސްގެ ގޮތުގައި ހުސްވި މާޗް މަހު، ޕާކިސްތާނަށް 2.7 ބިލިއަން ޑޮލަރު ވަދެފައި ވާ ކަމަށް ޕާކިސްތާނުގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

މިއީ ޕާކިސްތާނަށް ރެމިޓަންސްގެ ގޮތުގައި 2 ބިލިއަން ޑޮލަރަށް ވުރެ މަތިން ފައިސާ ވަންނަމުންދާތާ ވިދިވިދިގެން 10 ވަނަ މަހެވެ. އަދި މިއީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 43 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް ޕާކިސްތާނުގެ މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ރެމިޓަންސްގެ ގޮތުގައި ޕާކިސްތާނަށް ފައިސާ ވަތް މިންވަރު އިތުރު ވެފައި މިވަނީ، ރަސްމީ ޗެނަލްތައް ހުރަސްކޮށް ފައިސާ އެތެރެ ކުރެވޭނެ އިންތިޒާމުތައް، ސަރުކާރާއި ދައުލަތުގެ ބޭންކު ގުޅިގެން ހަމަޖައްސާފައި އޮތުމާ، ބޯޑަރު ހުރަސްކޮށް ދަތުރުކުރާ މިންވަރު މަދުވެފައި އޮތުމާ، ބޭސްވެރިކަމަށް ކުރި ހޭދަ މަދުވުމުގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކުން އާންމު ކުރި ބަޔާނެއްގައި ވެއެވެ.

ރެމިޓަންސްގެ ގޮތުގައި ޕާކިސްތާނަށް ފައިސާ ވަތް މިންވަރު އިތުރުވުމުން އެކަމާ އުފާ ކުރައްވާ ކަން ހާމަ ކުރައްވަމުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. އެގޮތުން، ގައުމުން ބޭރުގައި މަސައްކަތް ކުރާ އެ ގައުމުގެ ރައްޔިތުންގެ ހިތުގައި ގައުމަށްޓަކައި އޮތް ލޯތްބާ މެދު އުފާ ކުރައްވާ ކަމަށް އިމްރާންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނަށް ރެމިޓަންސްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ފޮނުވާފައި ވަނީ ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް އިނގިރޭސިވިލާތް އަދި އެމެރިކާގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ރައްޔިތުންނެވެ.