އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމަށް އިންތިހާބުވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވަފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް، ރައީސް ސޯލިހު ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުންގެ މަގާމަށް ވަނީ ބޭފުޅުން އިންތިހާބު ކޮށްފައެވެ.

އެގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ ކުރީގެ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލެ ސިޓީގެ މޭޔަރު ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރި ނަމަވެސް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ ގޮނޑިި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެގޮތުން އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި އަލީ ނިޒާރު ކާމިޔާބު ކުރެއްވި އިރު ފުވައްމުލައް ސިޓީގެ މޭޔަރުގެ ގޮނޑި ކަާމިޔާބު ކުރެއްވީ އިސްމާއިލް ރަފީގެވެ. އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބު ކުރެއްވީ މުހައްމަދު އާތިފްއެވެ.