އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާއި އެސްޓަން ވިލާ ވާދަކުރި މެޗު 2-1 އަކުން މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވިލާއިންނެވެ. މެޗުގެ ކުޅުމުގެ އޮއިވަރާ ދެކޮޅަށް އެޓީމުން މިލަނޑު ޖެހީ މެޗުގެ 43 ވަނަ މިނެޓްގައެވެ. މި ލަނޑު ވިލާއަށް ޖަހާ ދިނީ މި ސީޒަންގެ ކުރީކޮޅު ލިވަޕޫލާ ދެކޮޅަށް ކުޅެ ހެޓްރިކް ހެދި އޮލީ ވޮޓްކިންސެވެ.

މިލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ވިޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުން އިތުރަށް ވަރުގަދަ ކުރި އިރު މެޗުގެ 57 ވަނަ މިނެޓްގައި ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގައި އިތުރު ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ވިލާއަށް ލިބުނު އިރު އެޓީމުގެ ފޯވަޑް ޓްރެޒަގޭ ފޮނުވާލި ޝޮޓް ނިކުތީ ދަނޑީގައި ޖެހިފައެވެ.

ލިވަޕޫލް މޮޅުވި ލަނޑު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ޖަހަނީ/ ފޮޓޯ: އީޕީއެލް

ރޭގެ މެޗުން މޮޅުވުމަށް ލިވަޕޫލުން އިތުރު ހަމަލާތައް އުފެއްދި އިރު މިކަމުގެ ނަތީޖާއަކަށް ވީ މެޗުގެ 91 ވަނަ މިނެޓްގައި ސްކޯ 2-1 އަކަށް ހަދަން ލިބުނު ފުރުސަތުގެ ބޭނުން އެޓީމުން ހިފާ މެޗުން މޮޅުވުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ.

މިއީ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި އެޓީމުން އެންމެ ފަހުން ކުޅުނު 7 މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިމޮޅާ އެކު ލިވަޕޫލް މިވަނީ ލީގު ތާވަލުގެ 5 ވަނަ އަށް ޖެހިލާފައެވެ. އެއީ ކުޅުނު 31 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުން ބަލިވި ވިލާ އޮތީ 30 މެޗުން 44 ޕޮއިންޓް ހޯދައިގެން ތާވަލުގެ 10 ވަނައިގައެވެ.