ކޮވިޑް-19 ގެ މި ބަލިމަޑުކަން ފެތުރެމުން އަންނަ އިރު، މިހާރު ކުރިއަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ވާނީ ވީހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް ކޮވިޑް ނުފެތުރޭނެ ގޮތަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އިންތިހާބާ ގުޅިގެން އެޗްއާރުސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެންބަރު އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިހާބު ބާއްވަމުން އަންނައިރު ކޮވިޑް ނުފެތުރޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހޭނެ ކަމަށެވެ. އެގޮތުން އެންމެން އެއް ވަގުތެއްގައި ވޯޓުލާން ދިއުމަކީ ކޮވިޑް ފެތުރުމަށް މަގުފަހި ވާނެ ކަމެއް ކަމަށާއި، އެހެންކަމުން މީހުން މަދު ވަގުތު ބަލައި އަވަހަށް ވޯޓު ލާން ދިއުމަށް އޭނާ ގޮވާލެއްވިއެވެ.
މިއަދު ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލާން ދާ ބައެއް މީހުން ކޮވިޑްގެ މި ހާލަތުގައި އަމަލު ކުރަން އަންގާފައިވާ އުސުލާ ހިލާފަށް އަމަލު ކުރަމުންދާތަން ފެންނަ ކަމަށް ޝިފާއަތު ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ގައިދުރު ކަމަށް ނުބަލައި ތިބޭ ކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވޯޓު ލާން ދާ ގިނަ ބަޔަކު ތިބެނީ މާސްކް އަޅައިގެން ކަމަށް ޝަފާއަތު ވިދާޅުވިއެވެ.
މި އިންތިހާބުގައި އެޗްއާރުސީއެމްގެ އޮފިޝަލުން ހަރަކާތްތެރިވަނީ މާލެ އާއި އައްޑޫގައި އެކަންޏެވެ. ކޮވިޑާ ގުޅިގެން މި ފަހަރު އެޗްއާރުސީއެމްގެ އޮބްޒާވަރުން އެހެން ރަށްރަށުގައި ހަރަކާތްތެރި ނުވިޔަސް މީޑިއާތައް މެދުވެރިކޮށް ލިބޭ މައުލޫމާތުތަކުން ރަށްރަށުގެ ހާލަތު ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓު ލާން ހަމަޖެހިފައި ވަނީ އެއް ގަޑިއިރު ކަމަށްވާތީ އެ ނޫން އެހެން މީހުން ވޯޓުލުން އަަވަސް ކުރުމަށް އެޗްއާރުސީއެމުން އެދިފައި ވެއެވެ.
މިހާތަނަށް މި އިންތިހާބާ ގުޅިގެން އެޗްއާރުސީއެމަށް ހުށަހަޅާފައި ވަނީ ފަސް މައްސަލައެކެވެ. އޭގެ ތެރެއިން ތިން މައްސަލައެއް ހުށަހެޅީ އިންތިހާބު ފެށުމުގެ ކުރިން މާލެ އާއި އައްޑޫ ފިޔަވައި އެހެން ރަށްރަށުންނެވެ. މާލެ އިން އެއް މައްސަލަ އާއި އައްޑޫން މައްސަލައެއް ހުށަހަޅާފައިވާއިރު އެކަމާ ގުޅިގެން މައުލޫމާތުތައް އެއްކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މި މީ ހުން ނުބެހޭ ކަމެއް ނެތް. މައިގަނޑު ކަންތައް ކޮބާ