ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާ ހުންނަވާ ސަފީރު، ޖަން ލިޖޮންގް، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާ ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް އެ ބައްދަލުވުމުގައި، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމްބެސެޑާ ޖަން ކުރެއްވި މިންނެތް މަސައްކަތަށާއި، ސަފީރުކަމުގައި ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް ޝާހިދު ޝުކުރު ދަންނަވާފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް ހާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމްބެސެޑާ ޖަން ދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިން އޭނާއާ ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީ އަށާއި، ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަށް ދިން އެއްބާރުލުމަށް އެމްބެސެޑާ ޖަން ޝުކުރު ދަންނަވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ތަރައްގީއާ، އިޖްތިމާއީ ކަންކަމުގައި ދިން އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑާ ޖަންގެ މަގުބޫލުކަން ޝަހިދު ފާހަގަ ކުރެއްވި ކަމަށާއި އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވި އެހީއަށް ޝުކުރު ދެންނެވި ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި އެމްބެސެޑާ ޖަންގެ ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް މިިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެމްބެސެޑާ ޖަންގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައި ވެސް ޝާހިދު އިއްޔެ ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އެހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގި އެތަކެއް މަޝްރޫތަކަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑާ ގަންއަށް ޝުކުރު އަދާކުރައްވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެމްބެސެޑާ ލިޖޮންގްއަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯގައި ވަރަށް ހަރަކާތްތެރި ފަރާތެއްކަމާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައިއާ ހާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވި ފަރާތެއް ކަމަށް ޝާހިދު ފާހަގަ ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެމްބެސެޑަ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އޭނާ ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.