ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މީގެ ކުރިންވެސް ސުޕްރީމް ކޯޓުން، އެ ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއުކޮށް ބަދަލުކޮށްފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ހުކުމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ޖަލަށްލާން ކުރި ހުކުމް ރިވިއުކޮށް ބަދަލުކޮށްފައިވާ ކަމަށް ފާހަގަ ކޮށްފައެވެ.

ސުޕްރީމް ކޯޓުން ކުރި އެ ހުކުމް ބާތިލު ކޮށްފައި ވަނީ ދީބާޖާގެ ފަރާތުން ބޭނުންވާނަމަ އެ ހުކުމް އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫން އެވެ.

އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އެއީ 348.10 މިލިއަން ރުފިޔާއެވެ. އޭގެ ފަހުން ހައިކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. ނަމަވެސް ހައި ކޯޓުން އެހުކުމް ބާތިލް ކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓާފައެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.