ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ލޯކަލް ޓޫރިޒަމް ކުރިއަރުވަން ލާމުގައި 4.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އިފްތިތާހު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ.

ޓޫރިޒަމް މިނިސްޓްރިން ބުނީ އެޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ރީ އިމޭޖިނިން ޓޫރިޒަމް"ގެ ނަމުގައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓް 18 މަސް ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ގިނަ ހަރަކާތްތަކެއް ލާމު އަތޮޅުގައި ހިންމުމަށް ހަމަޖެހިފައިވާއިރު އެ ހަރަކާތްތަކުން ލިބޭ މައުލޫމާތުތަކަށް ބަލައި އެހެން އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރަން ބަލާނެ މިންގަނޑުތައް ވެސް އެ ޕްރޮޖެކްޓުގެ ދަށުން ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިިދާޅުވީ އެ ޕްރޮޖެކްޓުގެ ސަބަބުން އެ ރަށެއްގެ ޓޫރިޒަމުން ލިބޭ މަންފާއެއް އެ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ރައްޔިތުންނާ ގުޅޭ ޕްރޮޖެކްޓަކަށް ވުމުން އެ ޕްރޮޖެކްޓު ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.