ސައޫދީން ރާއްޖެއަށް ހަދިޔާކުރި 25 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ކަދުރު ބަހާނީ މާދަމާއިން ފެށިގެން އެޕްރީލް 29 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މިއަހަރު ކަދުރު ބަހަނީ 2020 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10,944 މީހުންނަށް (ކޮންމެ ފަގީރަކަށް 1 ޕަކެޓް ކަދުރު ދޭ އުސޫލުން)، ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވަތީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އެމިނިސްޓްރީ އާ މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައިި ކަމަށެވެ.

ރާއްޖޭގެ އެހެން ސިޓީތަކުގައި ކަދުރު ބަހާނީ އެ އުސޫލާ އެއްގޮތަށް އެ ސިޓީ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ރަށްރަށަށް ކަދުރު ބަހާނީ، މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ހަވާލުކުރުމުން، ކައުންސިލުތައް މެދުވެރިކޮށް ކަމަށާއި ރަށްރަށަށް ކަދުރު ގެންދިޔުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހާ ހަރަދުތަކާއި ނާލު ދައްކަން ޖެހޭނީ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.