ވެންޓިލޭޓަރު މުއާމަލާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ކޯޓު އަމުރެއް ހޯދަން އެދުމުން އެ އަމުރު ނެރެދީފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ އެހެން ވިދާޅުވީ ޖުޑިޝަރީ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް ކޮމެޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ ވެންޓިލޭޓަރުގެ ހިޔާނާތުގައި ޝާމިލްވާ މީހުންގެ ފޯން ރެކޯޑިންތައް ހޯދުމަށް އޭސީސީން ކްރިމިނަލް ކޯޓުގައި އެދުނުކަމަށާއި ނަމަވެސް އެކަން ނާކާމިޔާބުވެފައިވާ ހަބަރު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހަގީގަތެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ހާމަ ކުރެވޭނީ ކޮމިޓީ ސިއްރުކޮށްގެން ކަމަށެވެ. ނަމަވެސް އަލީ ހުސައިން ވަނީ އެކަމާ ދެކޮޅު ހައްދަވާ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ޝިއުނާ ވަނީ އެކަން ހިނގާދިޔަ ގޮތް ކޮމިޓީއަށް އޮޅުންފިލުއްވާ ދެއްވާފައެވެ. ޝިއުބާ ވިދާޅުވީ ކޯލް ރެކޯޑިންތައް ހޯދަން ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރެ ނުދިން ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.