މި ހިނގާ 2021 ވަނަ އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު، އަވަށްޓެރި ސްރީލަންކާގައި ހިނގި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ އަދަދު 564 އަށް އަރާފައި ވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަ ކޮށްފިއެވެ.

ސްރީލަންކާގެ ޑައިރެކްޓާ އޮފް ޓްރެފިކް ކޮންޓްރޯލް ނއެންޑް ރޯޑް ސޭފްޓީ، ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލީސް (އެސްއެސްޕީ) އިންދިކާ ހަޕޫގޮޑާ ވިދާޅުވީ، މާޗް 27، 2021 އިން އޭޕްރިލް 2، 2021 ގެ ނިޔަލަށް ހިނގި މަގުމަތީގެ އެކްސިޑެންޓްތަކުގައި އެކަނިވެސް 52 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން، މިއަހަރުގެ މިހާތަނަށް 1270 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށްވެސް އެސްއެސްޕީ ހަޕޫގޮޑާ ވިދާޅުވިއެވެ.

މަގުމަތީގެ ހިތާމަވެރި ހާދިސާތަކާ ގުޅިގެން މީހުން މަރުވާ ނިސްބަތް މިހާ މަތީގައި އުޅެނީ، މަގުމަތީގެ ގަވައިދުތަކާ ޓްރެފިކް ސައިންތަކަށް އަމަލު ކުރުމަށް ސައިކަލް ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ފެއިލްވުމުގެ ސަބަބުން ކަމަށް އެސްއެސްޕީ ހަޕޫގޮޑާ ވިދާޅުވިއެވެ. މީގެ އިތުރުން ބާރު ސްޕީޑްގައި ސައިކަލު ދުއްވުމާ، މަސްތުގެ ހާލުގައި ދުއްވުމާ، ފަރުވާ ކުޑަކޮށް ދުއްވުމަކީވެސް ސަބަބުތަކެއް ކަމަށް އެސްއެސްޕީ ހަޕޫގޮޑާ ތަފްސީލު ކޮށްދެއްވިއެވެ.

ސައިކަލް އެކްސިޑެންޓްތައް މަދު ކުރުމަށް، ސްރީލަންކާގެ ފުލުހުން ދާދި ފަހުން ވަނީ، 4 ދުވަހުގެ ވަރުގަދަ އޮޕަރޭޝަނެއްވެސް ހިންގާފައެވެ. ސްރީލަންކާގައި މިވަގުތު 8.3 މިލިއަން އުޅަނދު ރަޖިސްޓްރީ ކޮށްގެން ދުއްވާއިރު، 56 ޕަސެންޓް ހިއްސާ ކުރަނީ ސައިކަލު ކަމަށް މައުލޫމާތު ލިބެއެވެ.