11 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އަދ. މާމިގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މާމިގިލި ހެލްތު ސެންޓަރުން ބުނީ އެ ރަށުން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ އެ ރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކަމަށާއި އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގުމުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ.

109 ސާމްޕަލެއްގެ ނަތީޖާ ނުލިބި ވާއިރު 33 ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ. އަދި ޓެސްޓްކުރަން ނުފޮނުވި 206 ސާމްޕަލެއް އެރަށުގައި ހުރި ކަމަށް މާމިގިލި ހެލްތް ސެންޓަރުން މައުލޫމާތު ދެއެވެ.

އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިވަގުތު 65 ރަށެއްގައި އެކްޓިވް ކޭސްތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން 17 ރަށެއް އޮތީ މޮނިޓަރިންގައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 923 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 255 ބިދޭސީންނާއި 668 ދިވެހިންނެވެ.

މޮނިޓަރިންގައި މިވަގުތު އޮތް ރަށްރަށަކީ، ދ. ކުޑަހުވަދޫ، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ޅ. އޮޅުވެލި، ނ. ހޮޅުދޫ އާއި ރ މާކުރަތު، އދ. މަހިނބަދޫ، ވ.ތިނަދޫ، ޅ.ކުރެންދޫ، ތ.ވިލުފުށި، އދ.މާމިގިލިއެވެ.