6 އަހަރު ދުވަހުގެ އިތުރު 2 ދައުރު އޭނާއަށް ކަށަވަރު ކޮށްދޭ ގޮތަށް ފަރުމާ ކޮށްފައި ވާ ގާނޫނު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ތަސްދީގު ކުރައްވައިފިއެވެ.
އާ ގާނޫނޫ ބުނާ ގޮތުން، މިދިޔަ 20 އަހަރެއްހާ ދުވަހުވެސް ރަޝިއާގެ ވެރިކަމުގައި ހުންނެވި ޕޫޓިންއަށް، 2036 ވަނަ އަހަރު އަންނަންދެން ވެރިކަން ކުރެއްވޭނެއެވެ. ވެރިކަމުގެ ދައުރު އިތުރު ކުރުމަކީ، ގާނޫނީ އިސްލާހީ އެޖެންޑާގެ ދަށުން، މިދިޔަ އަހަރު ޕޫޓިން ހުށަހެޅުއްވި "އިސްލާހެކެވެ".
މިހާރު ޕޫޓީން ފުރުއްވަމުން ގެންދަވާ ރިޔާސީ ދައުރު، 2024 ވަނަ އަހަރު ހަމަވުމަށް ފަހު، އަނެއްކާވެސް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު، މި ގާނޫނުން ޕޫޓީންއަށް ކަށަވަރު ކޮށްދެއެވެ.
ރަޝިއާގެ ރައީސް ކަމުގެ މަގާމަށް ޕޫޓިން އެންމެ ފުރަތަމަ އިންތިހާބު ކުރީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ 4 އަހަރުގެ 2 ދައުރު، ވިދިވިދިގެން ފުރިހަމަ ކުރެއްވިއެވެ. އޭގެ ފަހުން، 2008 ވަނަ އަހަރު، ރަޝިއާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ޕޫޓިންގެ އަރިސް މެންބަރެއް ކަމަށްވާ ޑިމިޓްރީ މެޑްވެޑޭވްއެވެ. މެޑްވެޑޭވްގެ ވެރިކަމުގައި، ދެން އަންނަ ދައުރަކުން ފެށިގެން ވެރިކަމުގެ ދައުރަކީ 6 އަހަރު ދުވަސް ކަމުގައި ކަނޑައެޅުއްވިއެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރަޝިއާގެ ރައީސް ކަން ޕޫޓިން ކަށަވަރު ކުރެއްވިއެވެ. އަދި 2018 ވަނަ އަހަރު، އަނެއްކާވެސް އިތުރު ދައުރެއް ކަށަވަރު ކުރެއްވިއެވެ.