ގައުމީ ޔުނިވާސިޓީގައި ވަޒީފާ އަދާކުރަމުން ދިޔަ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ސަސްޕެންޑް ކުރި މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށައަޅުއްވައިފިއެވެ.
މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު 14 ދުވަހަށް އެމްއެންޔޫ އިން އިޔާޒަށް އިންޒާރު ދީ ސަސްޕެންޑް ކޮށްފައި ވަނީ އޭނާ ކުރައްވާ ޓްވީޓްތަކާއި ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ.
ގައުމީ ޔުނިވާސިޓީން އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އިޔާޒު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށައަޅާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ނިންމި ނަމަވެސް ޔުނިވާސިޓީން އެދިގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އިޔާޒަކީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެކެވެ. އިޔާޒު ސަސްޕެންޑް ކުރުމުގެ ކުރީން ވެސް އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރު ދީފައެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ދޮގު ކުރައްވައެވެ.
އިޔާޒް ސަސްޕެންޑް ކުރުމުގެ ކުރިން އޭނާ ވަނީ މި ސަރުކާރުން އަޅަމުން ދިޔަ ބައެއް ފޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލާ ވާހަކަ ދައްކާފައެވެ. އަދި އޭނާގެ ޝުއުރު ޓްވީތާގައި ހިއްސާ ކުރުމުން ގިނަ ބަޔަކު ވަނީ އިޔާޒާ ދެކޮޅަށް ވެސް ވާހަކަ ދައްކާފައެވެ.
އިޔާޒް ކަންބޮޑުވުން ހިއްސާ ކުރައްވާފައި ވަނީ ކޮވިޑްގެ ހާލަތުގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ގުޅިގެންނެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާ އިރު ގައިދުރުކުރުން އިސްކުރުމަށް އެޗްޕީއޭއިން އެންގި އެނގުމަށް އިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން މިސްކިތްތަކަށް އަރާ މީހުންގެ ފަރާތުން ކޮވިޑް ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން ފެންނަން ނެތުމުން ޖަމާއަތް ހުއްޓުވަން ނުވަތަ ގައިދުރުކޮށް ނަމާދު ކުރަން ބުނާ ބުނުމަކީ ބާތިލް ބުނުމެއް ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިސްކިތުން ފައިބާ މީހުންގެ ރެންޑަމް ސާމްޕަލްތަކެއް ނަގައިގެން ހެކި ދެއްކުމަށް ވެސް އޭނާ އޭރު ގޮވާލެއްވިއެވެ. އަދި ނަމާދު ކުރާ އިރު އަމަލު ކުރަން ޖެހޭ ގޮތް ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ވަނިކޮށް، އިންސާނުންނަށް ފެންނަ ބަދަލެއް އެކަމަށް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.