މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ދައުލަތަށް ނޭނގޭތީ އޭނާގެ ޕާސްޕޯޓް ދޫކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިއަދު ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.

ހައިކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމީ އަލީ ވަހީދު ދިރިއުޅޭ އެޑްރެސް ސާފު ކުރުމަށް ފަހު، މާދަމާ މެންދުރު 2:00 ގެ ކުރިން ދައުލަތުން ކޯޓަށް އެންގުމަށެވެ. އަދި އެއަށްފަހު އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނޫންތޯ ބަލައި، ގޮތެއް ކަނޑައަޅާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޖިިނާއީ މައްސަލަތައް، ދައުވާ ލިބޭ މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭ އިރު، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ނަމަަވެސް އޭނާ ހުންނެވީ ސީދާ ކޮން އެޑްރެހެއްގައި ކަން ދައުލަތަކަށް ނޭނގެއެވެ.

މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުކޮށްފައެވެ. އެގޮތުން ދައުވާ ލިބޭ ފަރާތް ހާޒިރުނުކުރެވޭ ހާލަތުގައި ޖިނާއީ މައްސަލައެއް ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުން ބުނީ ހާއްސަ ހާލަތްތަކުގައި އެގޮތަށް ޝަރީއަތް ހިންގޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ އަޑު އެހުމުގައި އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުގައެވެ.

މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާވަޑައިގެންފައިވާ ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

ހަމައެއާއެކު އަލީ ވަހީދުގެ ޕާސްޕޯޓުގެ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ހައިކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލައާ ގުޅިގެން ޕީޖީން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ޖޭއެސްސީން ދަނީ މިހާރު ބަލަމުންނެވެ.