ރޯދަ މަހަށް ހަނދު ބެލުން އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ހަމަޖައްސައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ.

އޭގެ އިތުރުން އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށް މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭ އިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށެވެ.

ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް 11، 2021 ވާ އާދިއްތަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ މިއަހަރުގެ ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުން އެދޭ ކަމަށެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.