ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓުގެ ދޫކޮށްލި މައްސަލަ މީގެކުރިން އިސްތިއުނާފު ކުރަން ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތުމަށް ވަނީ ނިންމާފައެވެ. އެއާއެކު އޭރު ޕީޖީ އޮފީހުން ވަނީ ރަޖިސްޓްރާގެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައެވެ. އަދި އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އެގޮތުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު ފަހުއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ އަޑު އެހުމުގައި އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުގައެވެ.

މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާވަޑައިގެންފައިވާ ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

މި މައްސަލައާ ގުޅިގެން ޕީޖީން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ޖޭއެސްސީން ދަނީ މިހާރު ބަލަމުންނެވެ.

ޖިިނާއީ މައްސަލަތައް، ދައުވާ ލިބޭ މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭ އިރު، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.