ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ނިންމައިފިއެވެ.

މިފަހަރު ޖޭއެސްސީން ބަލަން ނިންމީ، 2018 ވަނަ އަހަރު، ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުގައި ހުރެ ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ. އެ ކައިވެންޏަކީ ފެމިލީ ކޯޓުގެ ފަރާތުން، އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކޮށްދިން ކަމަށް ބުނާ ކައިވެންޏެކެވެ.

މި މައްސަލަ ތަހުގީގު ކުރަން ނިންމާ، ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައި ވަނީ މިދިޔަ މާޗް މަހު 17ގައެވެ.

މި މައްސަލަ ތަހުގީގު ކުރަން ނިންމާފައި ވާއިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލް ކުރެއްވުމާ ގުޅިގެން، އެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ޖޭއެސްސީން މީގެ ކުރިން ބުނެފައި ވާ ގޮތުގައި، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމަށް ނެރުނު އަމުރުގައި ހިފެހެއްޓުމަށް ކުރި އަމުރު، ގާޒީ ހަސަން ސައީދު ބާތިލު ކޮށްފައި ވަނީ ފާޅުކަންބޮޑު ގޮތެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަލާއި ކަނޑައެޅިގައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އަދި އެ އަމުރުު ނެރުމުގައި އަލީ ވަހީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން މީހުންނާ މެދު އަމަލު ކުރާ ގޮތާ ތަފާތު ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ހަމައެއާއެކު ޖޭއެސްސީން ބުނީ، ގާޒީ ހަސަން ސައީދު ވަނީ އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، އަލީ ވަހީދަށް ނާޖާއިޒް މަންފާ ހޯދައިދީފައި ވާކަމަށް ބެލޭވޭ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި، އޭނާގެ މައްޗަށް 7 ދައުވާއެއް އުފުލުމަށް ފަހުއެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދަށު ކޯޓުގައި މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ބާއްވާ، އަލީ ވަހީދުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ. އެއާއެކު އޭނާ ހަމަ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގެ ފްލައިޓެއްގައި ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ.