ބަޔަކު މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައިގައި ރ. މަޑުއްވަރީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެރަށުން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފިއެވެ.
އެ 10 މީހުން ދޫކޮށްލާފައި ވަނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު ކޯޓަށް ހާޒިރުކުރުމުންނެވެ. އިއްޔެ އެ އެންމެން ދޫކޮށްލާފައިވާ އިރު ރޭގެ ވަގުތެއްގައި އެ މީހުން ވަނީ މަޑުއްވަރީ ގޮސްފައެވެ. ކޯޓުން އެ މީހުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މަޑުއްވަރީގައި ހަމަނުޖެހުން ހިންގާފައި ވަނީ ރ. އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެ ތަހުގީގު މަރުހަލާ ލަސްވެގެން ދާތީ ކަމަށް އެ ރަށު މީހުން ބުނެއެވެ. އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކު ވެސް ހިމެނޭ ގޮތަށް ކަމަށް އާއިލާއިން ބުނެއެވެ.
ޓީޗަރެއް ޝާމިލްވާ ކަމަށް ބުނާ މި މައްސަލައާ ގުޅިގެން އާންމުންގެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ. ކުޑަކުއްޖަކަށް ރައްކާތެރިކަން ދޭން ޖެހޭ ފަދަ މަގާމެއްގައި ތިބޭ ބަޔަކު ކުށެއް ކޮށް އެ ކުށުން ރެކިގެން ތިބެވުމަކީ މައްސަލައެއްގެ ގޮތުގައި ދެކި އެތައް ސިޔާސީ ބޭފުޅުން ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން އެ ޓީޗަރާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އަދި މި މައްސަލަ ތަހުގީގު ކުރަމުންދޭ ތޯ ބެލުމަށް މަސައްކަތް ކުރުމުން އެޑިއުކޭޝަންގެ ފަރާތުން ޖަވާބެއް ނުލިބެއެވެ.
މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސް އިތުރު ޓެސްޓް ތަކެއް ހަދަމުން ދާ ކަމަށް ޖެންޑާ އިން ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި ދިނުމަށާއި މަޖުތަމުގައި ހަމަނުޖެހުން ކުޑަކުރުމަށް ފިޔަވަޅު އަޅައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ.
މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ޖެންޑާ އާއި ފުލުހުން ގެ އިސް ބޭފުޅުން އެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައެވެ. އަދި މި މައްސަލައާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއްވެ ސް ހޯދަން ޖެހޭ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވެފައި ވެއެވެ.
14 އަހަރު ކުއްޖަކު ރޭޕްކޮށްލި ކަމަށް ބުނާ މައްސަލައާ ގުޅިގެން މަޑުއްވަރީ ރައްޔިތުން ނުކުމެ ފުލުހުންގެ އިދާރާ ކައިރީގައި މުޒާހަރާ ކޮށްފައިވާ އިރު އެތަނުގެ ނަން ބޯޑު އަދި އިމާރާތަށް ބައެއް ގެއްލުން ލިބިފައި ވެއެވެ. އަދި އެ މުޒާހާރާއާ ގުޅިިގެން ފުލުހުން ބުނެފައި ވަނީ މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. މި މައްސަލައިގައި މުޒާހަރާގައި އުޅުނު 10 މީހަކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައެވެ.