މާގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައުސިން މިނިސްޓްރީގައި ކުރީގެ ނައިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ވަހީދު (ދަފްތަރު 12537 / މާލެ) މާލޭގެ ގޯއްޗަކުން ބިން ވިއްކި މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ބުނީ، މާލޭގެ ގޯއްޗެއް ބަހައިގެން ބިން ދޫކޮށްލުމުން އެބިން ވިއްކުމުގައި ހައުސިން މިނިސްޓްރީގައި ކުރީގެ ނައިބު ނާއިފު ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ބިން ވިއްކާލި މައްސަލަ ތަހުގީގުކޮށް ނިމިގފައިވާ ކަމަށެވެ. އަދި މިއަދު ވަނީ ނާއިފް ޝައުކަތާއި ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި ކަމަށް ވެސް އޭސީސީން ބުނެއެވެ.
އެސީސީން ބުނީ، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައި ވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) އާއި ގާނޫނު ނަންބަރު 9/2014 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެ ފަރާތްތަކުގެ ވާޖިބު އަދާ ކުރުމުގައި، އެ ފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިއުލާނު ކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، އާތިފާ ހަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، އާތިފާ ހަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ. އޭރު އަމަލު ކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާއި އެއްގޮތަށް އެބިން އާތިފާ ހަސަނަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އިސްލާހު ކުރަމުން ދާތީ ކަމަށް ބުނެ، އެ ބިން އާތިފާ ހަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައި ވަނީ، ހައުސިން މިނިސްޓްރީގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގެޒެކިއުޓިވް ކޯޑިނޭޓަރު ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުން ކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތް ކަމަށް ވެސް އޭސީސީން ބުނެއެވެ.
"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާހު ކުރަމުން ދާތީވެ އާތިފާއަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާ އިރު، އެ ބިން ވިއްކަން އިއުލާނު ކުރި އިއުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ހަސަން ވަހީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުއަމަލާތުތައް ކޮށްފައި ވަނީ ހަސަން ވަހީދުގެ ބެލުމުގެ ދަށުން، އޭނާ އިސްވެހުރެ ކަން އެނގެން އޮތް ކަމަށް ވެސް އޭސީސީން ބުނެއެވެ. އެހެންކަމުން އާތިފާއަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައި ވަނީ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާހު ކުރަމުން ދާތީ ނޫންކަމަށް އޭސީސީން ބުނެއެވެ.
"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އިސްލާހުކުރުމަށްފަހު، އެ އުސޫލުގައި ބިން ވިއްކުމަށް ހައްގުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިއުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ހައްގުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އާތިފާ އާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއް ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަމަށް އޭސީސީން ބުނެއެވެ.
އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، ނާއިފު ޝައުކަތު ސޮއިކޮށް ސިޓީއަކުން އެ ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައި ވާކަން އެގެން އޮތުމުންނާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައި ވަނީ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު" އާއި ހިލާފަށް ކަމުން އެ ބިން ލިބެން އޮތް ހައްގުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ވަނީ ލިބިފައި ކަމަށް އޭސީސީން ބުނެއެވެ.
އެހެންކަމުން ހަސަން ވަހީދާއި ނާއިފު ޝައުކަތުގެ އަމަލުކޮށްފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމާއި، އެ އަމަލުތަކުގެ ސަބަބުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާ ދީފައިވާ ކަން ތަހުގީގަށް ލިބިފައި ހުރި ހެކިތަކުން އެނގެން އެބައޮތް ކަމަށް އޭސީސީން ބުނެއެވެ.