ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫގެ ދަށުން ގާއިމް ކޮށްފައިވާ 7000 ފްލެޓްގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ފްލެޓް ލިބުނު ފަރާތްތަކުން ޖާގަ ބޮޑު ފްލެޓް ތަކަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވުދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެެ.
އަދި، ސަރުކާރުން މިހާރު ދަނީ އެ ފުރުސަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އެގޮތަށް ފާސްކުރީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހަޅައިގެންނެވެ.
އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމެވެ. އެ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ އާމްދަނީ ލިބޭ ބައެއް ފަރާތްތަކަށް ވެސް މިހާރުގެ ޕޮއިންޓް ސިސްޓަމް އޮތް ގޮތުން ފްލެޓް ލިބިފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން ފްލެޓްލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ. އެތަންތަނުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނައިރު ކޮންމެ އިމާރާތެއްގެވެސް އެންމެ ތިރި ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމުން މީހުން ދިރިއުޅުމަށް ދޫކުރާނީ 6،720 ފްލެޓެވެ.