މޫދަށް ފޭބި ސިފައިން ތަކެއްގެ ތެރެއިން އެކަކު ގެއްލި އެކަކު ގެނބިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕަރަލް ހުސައިން ފާރިޝް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަކު ގެނބުނު ކަމަށާ އޭނާ ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ، ގެއްލިގެން ހޯދަމުން ދާ ސިފައިންގެ މީހާ އޮއި ގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބުނު މީހާއަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި 4 މީހުން މޫދަށް ދިޔައީ ޑިއުޓީގެ ފަހުން ކަމަށާއި، އެ ހާދިސާގައި ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ކުއްޓާނުލައި ކުރަމުން ގެންދާ ކަމަށެވެ.

މިއަދު ހަވީރު 5:40 ހާއިރު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފު ނުވިނަމަވެސް، އެމްއެންޑީއެފުން ދިން މައުލޫމާތައް ބަލާ އިރު އެމީހުން މޫދުގައި އުޅެނިކޮށް އޮއެގަނޑެއްގައި ޖެހުނީއެވެ.

އެމީހުން އޮއިގަނޑުގައި ޖެހުނު ސަރަހައްދާއި، އެތަނުގެ ފުންމިނާއި އޮއިގަނޑުގެ ބާރު މިން ހުރި ގޮތުގެ މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.