ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލާފައިވަނީ ގއ.އަތޮޅު ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ ރިސޯޓް ބޭރު ޖެޓީ ފައްތިޔަލުގައި އަޅާފައި އޮތް ލޯންޗެއް ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށާއި، ލޯންޗު ބަންޑުން ޖަހާލާފައިވަނީ އައި ބާރު ކޮޅިގަނޑެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:58 ހާއިރު ކަމަށެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާއެކު ކަނޑުމަތީގެ ތަފާތު ހާދިސާތައް އިއްޔެ ވެސް ވަނީ ހިނގާފައެވެ.

އެގޮތުން 3 މީހުންނާއެކު ދަތުރުކުރި ތެޔޮ އުފުލާ ދޯންޏެއް އިއްޔެ ވަނީ އަޑިއަށް ގޮސްފައެވެ. އޭގެ އިތުރުން އަޅާފައި އޮތް ބާޖެއް، ނަގިލި ކަނޑައިގެން ގޮސް ފަރަކަށް އެރި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން މުސުމަށް ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.