ވެންޓިލޭޓަރު މައްސަލައަށްވުރެ އެމްއެމްޕީއާރްސީ މައްސަލަ ހަނދާން ނެތުމަކީ އައިބެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެހެން ވިދާޅުވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ.
އެގޮތުން ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮން ބައެއް ކަންވެސް ނޭނގޭ ބަޔަކަށް ދައުލަތުން 31 މިލިއަން ރުފިޔާ ދިނުމަކީ ބައެއް ފަރާތަކަށް ކުޑަކޮށްވެސް އައިބުވާ ކަމަށް ނޫން ކަމަށެވެ.
އެ ބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނު ކަމަށާއި އެފަރާތްތަކަށް އައިބު ކަމަކަށް ވަނީ އެވާހަކަ ދައްކައިގެން އެ ފައިސާ އަނބުރާ ދައުލަތަށް ހޯދަން އުޅޭ އުޅުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
އެޓްވީޓާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއަށް ވުރެ މާބޮޑަށް އައިބު ކަމަކަށް ވާނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަތިން ހަނދާން ނެތެމުންދާތީ ކަމަށެވެ.
އޭގެ އިތުރުން އެ މާސިންގާ ހިޔާނާތުގެ އެންމެ ލޯ ލާރިއެއް ވެސް އަނބުރާ ހޯދާފައި ނުވާތީ ކަމަށާއި އަދި އެކަމާ ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށް ވެސް ކަންބޮޑުވެގެން އުޅޭތަން ނުފެންނާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން މީގެ ކުރިން ވެސް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރުއްވާފައެވެ. އެގޮތުން މުއިއްޒު ވަނީ ރާއްޖޭގައި ހިޔާނާތުގެ އެންމެ ބޮޑެތި ކުށް ސާބިތުވެ ޖަލަށް ލީ މީހުން މިހާރު ގޭގައި ތިއްބެވީ އިއްތިފާގަކުންތޯ ސުވާލު ކުރައްވާފައެވެ.
މުއިއްޒު އޭރު އެހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އޭރު ގޭގައި ތިއްބެވުމުންނެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަވެއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން ވެސް ވަނީ 5 އަހަރަށް ޖަލު ހުކުމެއް އިއްވާފައެވެ.