އޭލެވެލްގެ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައި ވަކި އިމްތިހާނަކަށް ނުބަލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ ދަރިވަރުންގެ ކަންބޮޑުވުން ތަކަށް ބެލުމަށް ފަހު ގަދަ 10 އަކަށް ދަރިވަރުން ހޮވުމާއި އަދި ސްކޮލާޝިޕް ދޭއިރު އޭލެވެލްގެ ވަކި އިމްތިހާނަކަށް ނުބަލާގޮތަށް ނިންމާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ގިނަ ދަރިވަރުން ތަކަކަަށް ނުތަނަވަސްކަން ކުރިމަތިވެފައި ވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ އަޑު އެހުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވެފައި ވާއިރު އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނިންމާފައި ވަނީ ގަދަ 10 އަކަށް ދަރިވަރުން ހޮވުމާއި ސްކޮލަޝިޕް ދިނުމުގައި އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނަށް އެކަނި ބަލާ ގޮތަށެވެ.

އެކަމާ ގުޅިގެން އޭލެވެލް ހަދާ ގިނަ ދަރިވަރުންނާއި އާންމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިފަދަ އުސޫލެއްގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކޮށް އެކުދިންގެ މުސްތަގު ބަލަށްވެސް ގެއްލުން ވާނެ ކަމަށް ބުނެފައެވެ.