ރާއްޖެއަށް މި ކުރަމުންދާ ވިއްސާރައާއި ގުޅިގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެ ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ ކުރިއަށްއޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް (ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެއަތޮޅުތަކަށް) ވައިގަދަވެ ވާރޭ ވެހޭނޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރައްކާތެރިވުމުގެގޮތުން އެޅިދާނޭ ފިޔަވަޅުތައް:
- ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
- ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން، އެގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން،
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން.
އެންޑީއެމްއޭ އިން ވަނީ އެކަންތައްތަކަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 02:00 އަށް ބ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން މުސުމަށް ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނދުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.