ތިން މީހުންނާއިއެކު ދަތުރުކުރި ތެޔޮ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު ދަތުރުކުރި ތެޔޮ ފުލާ ދޯންޏެއް ކަނޑު ގަދަވެ އަޑިޔަށް ދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޯޑަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ދޯނީގައި ތިބި މީހުން ސަފާރީއަކަށް ނަގާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.
އެހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 އާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ހާދިސާތައް ހިނގާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުކުރުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. އަދި ހާއްސަ ކޮށް އަނގަމަތީ ކުދި އުޅަނދުތަކާއި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރާ އިރު ސަމާލު ވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑު މަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.