ވައްކަމުގެ ލޭބަލް އިން ސަލާމަތްކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވާލައްވައިފިއެވެ.

މީކާއިލް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މަޑުއްވަރީ ދާއުރާގެ މެންބަރު އާދަމް ޝރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ. ވެންޓިލޭޓަރު މައްސަލައިގައި މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ވައްކަމުގެ ލޭބަލް އެމްޑީޕީގެ ބޮލުގައި އަޅުވާތީ އެކަމާ އޭނާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ޕާޓީގެ އަސާސް ގެއްލިދާނެތީ ބިރުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްކަމުގެ ލޭބަލް މިހާރު މި ސަރުކާރުގެ ބޮލުގައި އެޅެމުން އަންނަ އިރު އެ ނަން އެމްޑީޕީގެ ބޮލުގައި އެޅޭތީ އެކަމުން އެމްޑީޕީ ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެގޮތުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ހެލްތު މިނިސްޓަރަށް ވައްކަމުގެ ތުހުމަތުތައް ކުރެވެން ފެށި ދަނޑިވަޅެއްގައި މި މައްސަލަ ބަލަން އެމްޑީޕީން މަސައްކަތް ކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރެއްގެ ސިފައިގައި އަންނަން ޖެހޭ އަވަސް މިނުގައި ފިޔަވަޅުތައް އެޅެމުން ނުދިޔަ ކަމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި މީކާއިލް ސިފަ ކުރެއްވިއެވެ. 4 މަސް ދުވަސް ފަހުން މިނިސްޓަރު އިސްތިއުފާ ދެއްވި ކަަން ފާހަގަ ކުރައްވާ މީކާއިލް ވަނީ އެމައްސަލަ އެހިސާބަށް ދިޔަ ސްޕީޑަކީ ލަސް ސްޕީޑެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މީކާއިލް މިއަދު ވިދާޅުވީ، ޕީޖީ އަކީ މުސްތަގިއްލު މިނިވަން މުއައްސަސާއެއް ކަމަށެވެ. ނަމަވެސް އެކަމާ ސުވާލު އުފެދޭ ފަދަ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ޕީޖީ ހުސައިން ޝަމީމް އަރައިވަޑައިގެން ހުންނަނަވާ އޭސީސީގައި މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެން ވާހަކަ ދެއްކެވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓީވީން ކުރިއަށް ގެންދާ މަޖާޒީ ޕްރޮގްރާމެއްގައި ރަސްމީ ނޫން ހައިސިއްޔަތެއްގައި ޕީޖީ އަރާވައިޑައިގެން މިހާރު ބަލަމުންދާ ކޭސްއެއްގެ ވާހަކަ ނުދެއްކެވޭނެ ކަމަށާއި އެއީ "އަންއެތިކަލް" ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް އަނެއްކާ ވެސް ޕީޖީން ވަނީ އެ މައްސަލައިގެ ޕީޖީގެ ކުރީގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

އަދި މި މައްސަލަ ފެންމަތިވެގެން އައުމާއެކު ރައްޔިތުން މަޖިލީހުގައި އޭރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބެލުމަށް ހުށަހެޅިއެވެ. އެ މައްސަލަަ ހުށަހެޅުމާއެކު މިނިސްޓަރު ކަމުގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.