އެމްޑީޕީ ބޮޑު ފަޅީގައި އޮވެގެން ހިނގާފައިވާ ކޮރަޕްޝަނަކީ މި ސަރުކާރު ބައިވެރިވާ ކޮރަޕްޝަނެއް ކަމަށާއި މި ސަރުކާރަކީ ވަގު ސަރުކާރެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އިން ވެންޓިލޭޓަރު މައްސަަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ވިދާޅުވުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު ވަނީ ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. މި ކުއްލި މައްސަލައާ ގުޅިގެން ބަހުސް ކުރުމަށް ފެންނަ ކަމަށް މިއަދު ވޯޓަށް އެހުމުން އެ ވޯޓުގައި މަޖިލީހަށް ހާޒިރު ވި 33 މެންބަރުންގެ ތެރެއިން 23 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެެއްވެސް މެންބަރެއް ވޯޓު ދެއްވާފައެއް ނުވެއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެމްޑީޕީއަކީ ވަގު ޕާޓީއެއް ކަމަށް ބުނަން ބޭނުންވެވަޑައި ނުގަންވާ ކަމަށެވެ. ނަމަވެސް މި ސަރުކާރު މި ވަނީ މި ވައްކަމުގައި ބައިވެރިވެފައި ކަމަށާއި ވެރިކަމަށް ޒީރޯ ޓޮލެރެންސްގެ ނަމުގައި އައި މި ސަރުކާރަކީ މިހާރު ވަގު ސާރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މި ބަހުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ހިންގާ ކޮރަޕްޝަން ބެލުމަކީ މަޖިލީހުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސް ނަންގަވައިގެން މި ފަދަ މައްސަލަތައް ކުރިމަތި ވެދާނެ ކަމަށް ބައްލަވަން ގޮވާލެއްވި ކަމަށް އިންތި ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓާ ނުލައި ކުރިއަށް ގެންގޮސް އެކި މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ކަހަލަ މައްސަލައެއް ހިނގާފާނެ ކަމަށް ބަލައި އެ ފަދަ މައްސަލަތައް ބެލުމަށް އޮޑިޓް ރިޕޯޓް ހަދަން ނިންމީ ވެސް މި މަޖިލީހުން ކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.
އެހެންކަމުން މި މަޖިލީހުން މި ކޮރަޕްޝަންގެ މައްސަލަ ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިފަދަ ކޮރަޕްޝަންގެ މައްސަލައެއް އަތުން ދޫވެގެން ގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް އަނެއްކާ ވެސް ޕީޖީން ވަނީ އެ މައްސަލައިގެ ޕީޖީގެ ކުރީގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.
މި މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމުމާ އެކު އިދިކޮޅުން ވަނީ ރައްޔިތުންނަށް ވެންޓިލޭޓަރުތައް ދައްކަން ޖެހޭ ކަމަށާއި އަދި ކުރީގެ ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި އަބްދުﷲ އަމީން އަށް ވަޒީރުކަން އަލުން ދޭން ޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުށް މި މައްސަލައިގައި ދައުލަަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޖެހޭ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.