އަނެއްކާވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

މި ބަހުސްތައް ހިނގާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައެވެ.

އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ފައްޔާޒު "ފޮރުވުމަށް" ކުރައްވާ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ހަލާކުވާނެ" ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައާ ގުޅިގެން ފައްޔާޒު ވިދާޅުވީ އޭނާ "ފޮރުވަން ނުޖެހޭނެ" ކަމަށެވެ. އަދި މިއީ އުތުރު ކޮރެޔާ ނޫން ކަމަށާއި ހުދުމުހުތާރު އުސޫލުން ކަންކަން ނުކުރެއްވޭނެ ކަމަށެވެ.

ފައްޔާޒު އެހެން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އެމްޑީޕީ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށާއި، ފައްޔާޒާއި ދެކޮޅަށް ތެދުވެވަޑައިގަތުމަށް ލަދުގަންނަ ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ މިއީ އޭނާގެ ވެސް ގައުމު ކަމަށާއި ގައުމުގެ ކަންކަމާ ބަސް ވިދާޅުވާނެ ކަމަށާއި، ހުއްޓުވޭނެ އެހެން ފަރާތެއް ނުހުންނާނެ ކަމަށެވެ.

އެވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ މި ގައުމަކީ ކާކުގެ ގައުމެއްކަން އޮޅިވަޑައިގެން ނޫޅުއްވާ ކަމަށާއި ވާހަކަ ދެއްކެވީ ފައްޔާޒު އަމިއްލަ އަށް ކަމަށެވެ.

އެއާއެކު ފައްޔާޒު ވަނީ އާންމުންނަށް ފެންނަގޮތަށް ބަހުސް އަކަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާފައެވެ. އަދި ނަޝީދު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވާކަން ހާމަ ކުރައްވާފައެވެ. އެގޮތުން ޕީއެސްއެމް ރަނގަޅުވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ފައްޔާޒު ވަނީ ހުރިހާ މީޑިއާއަކަށް ދައުވަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަޝީދު ވަނީ ޕީއެސްއެމް ހަމަޖެއްސުމަށް ހަސަން ލަތީފަށް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.