ސިވިލް ސާވިސް މުވައްޒަފުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކަތައް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުށްވެރިކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ސިވިލް ސަރވަންޓުންނަކީ ވަޒީފާ ބަޔާނުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުން ލައިގެން ތިބެންޖެހޭނެ ބައެއް" ކަމަށް ވިދާޅުވެ ދައްކާފައިވާ ވާހަކަތައް އެސޯސިއޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުން ތަންމިނަށްހުޅުވައި ދޭނެ ކަމަށް ވައުދުވާ ޕާޓީއެއް ތަމްސީލު ކުރާ މެންބަރަކަށްވެ ހުންނަވާ ސަލީމު ދެއްކެވި ވާހަކައަކީ ޕާޓީގެ އެންމެހައި މެންބަރުންނަށާއި އޭނާ ނިސްބަތްވާ ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންނަށާއި ދިވެހި ސިވިލް ސާވަންޓުންނަށް ކުރި މަލާމާތެއް ކަމަށް އެސޯސިއޭޝަނުން ވަނީ ސިފަކޮށްފައެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ކަށަވަރު ކޮށްދޭން އޮތް، ދައުލަތުގެ އެންމެ މުހިންމު އެއް ބާރަކީ، ރައްޔިތުންގެ މަޖިލިސްކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ ރައްޔިތުންގެ ހައްގުތައް އުނިވާ ފަދަ ގޮތަކަށް، ސިވިލް ސާވަންޓުގެ ހިތުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭނެފަދަ ގޮތްގޮތަކަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފައިވާއިރު އެއާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ބޭއްވި ބަހުސްގައި ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުންހެން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ނޯންނާނެ އެވެ. އެމީހުންނަކީ ވަކި ހުދޫދެއެއްގައި ވަކި އުސޫލުތަކަކާއި ވަކި ޑިސިޕްލިންއަކަށް ތަބާވާން ޖެހޭބައެކެވެ.

އެގޮތުން ވަޒީފާގައި އެއްބަސްވުމުގައި ސިވިލް ސާވަންޓުން ސޮއި ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރިޔަސް އެކަމަށް އެއްބަސް ވެގެން ކަމަށް އޭނަ ވިދާޅުވިއެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ސަލީމް ފަހުން ވަނީ އޭނާ ދެއްކެވި ވާހަކައަށް މާފަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، ދެއްކެވި ވާހަކަތައް ދިފާއު ކުރެއްވިއެވެ.