ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން މުރާޖައާކުރިއިރު، ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތް ދިރާސާކޮށްފަ އެވެ. މިހާރު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖައާކުރިއިރު، ޝަރުތު ފުރިހަމަވާ ބައެއް ފަރާތްތައް، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިނުވާކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް އޭރު ކަނޑައަޅާފައިވާގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށްވެސް އެ ކޮމެޓީގެ ރިޕޯޓިުގައި ވެއެވެ.

އެގޮތުން އެ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަނާއި ޖިނާއީ މައްސަލަތަކެއް ހިމެނޭ ކަންތައްތަކެއް ހުރިކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މައްސަލަތައް ވީ އެންމެ އަވަހަކަށް ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް، ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާކުރުމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަވަސްކުރުމަށް ކޮމިޓީން ހުށަހަޅާފައިވެއެވެ.