މިއަހަރުގެ އޭއެސް/އޭލެވެލް އިމްތިހާނު އަންނަ އޭޕްރީލް މަހަށް އަވަސްވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ހަދާ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ބަދަލު ގެނެސްފައި ކަމަށެވެ. އެގޮތުން މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުގެ ފެށުން އޭޕްރީލް 26އަށް އަވަސް ވެފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެ ބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އަދި އެތާރީހު ބަދަލުކުރަން އެޑެކްސެލްއާ އެކު ކުރި މަޝްވަރާތަކުން އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

އެހެންވެ މިނިސްޓްރީން ވަނީ އެޗް.އެސް.ސީ އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެނެސްފައެވެ. އެގޮތުން ދެން އިމްތިހާނު އޮންނާނީ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ.

މި އަހަރުގެ އޭލެވެލް އިމްތިހާނު ފެށުން އަވަސް ވެފައި ވާއިރު، މީގެ ކުރިން އެ އިމްތިހާނު ބާއްވަން ހަމަޖެއްސީ މޭ/ޖޫންގައެވެ.